ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް މަސައްކަތްކުރި މީހުންގެ ތެރޭގައި އުޅެވުނު ކަމަށްޓަކައި އައްޝައިޚް އާދަމް ނަސީމް (ބީއޭ ނަސީމް) ދިވެހި ރައްޔިތުންގެ ކިބައިން މަޢާފަށް އެދިއްޖެއެވެ.
އިއްޔެ ހެނދުނު ރޭޑިއޯ އެޓޯލްގެ "ހެނދުނު ފަރުވާ" ޕްރޮގްރާމް ގައި ވާހަކަފުޅުދައްކަވަމުން ޝައިޚް ވިދާޅުވީ ޑިމޮކްރަސީގެ ސަބަބުން ރާއްޖޭގައި ޢަދުލު އިންސާފަށް ޖޯކްޖަހާ ތަނާއި، ޤާނޫނާ ޚިލާފަށް އެއްވެ އުޅޭ ތަންތަނުގައި ތިބެ ބައެއް ނުފޫޒްގަދަ މަސްޢޫލުވެރިން ބައްދަލުވުން ބާއްވައި ޙުކުމް ކަނޑައަޅާތަން ފެންނަމުންދާ ތަނާއި، އެތައް ފަސާދަތަކެއް ފެންނަމުންދާ ކަމަށެވެ.
މަލްޓިޕާޓީ ޑިމޮކްރަސީ ސިސްޓަމް ހިނގާ ޤައުމުތަކުގައި ފިތުނަ ފަޞާދަ އާއި މީހުންނަށް މަލާމާތްކުރުމާއި، ފުރައްސާރަކުރުމާއި، ޙަޤީޤަތް އޮޅުވާލުން ނޫން ކަމެއް ހިނގާތޯ ޝައިޚް ސުވާލުކުރެއްވިއެވެ. ޝައިޚް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ހަޅޭއްލަވާ ތަޅާފޮޅާތަން ފެންނަމުންދާ ކަމަށާއި އަކަމުގެ ސަބަބުން މުސްތަޤްބަލްގެ ޖީލުތައް ކަމުގައިވާ ޅަދަރިންނަށް ވެސް އޭގެ ނޭދެވޭ އަސަރުކުރަމުންދާ ކަމަށެވެ.
ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ކުރެވުނު މަސައްކަތަށް އިޝާރާތްކުރައްވާ ޝައިޚް ވިދާޅުވީ އިންސާނުންނަކަށް މުސްތަޤްބަލް ނޭނގޭނެ ކަމަށާއި، ކަންތައް ކުރާނީ ރަނގަޅުވާނެ ކަމަށް ބަލާފައި ކަމަށާއި، އެހެންނަމަވެސް އެކަން ނުވީމަ ރަނގަޅުގޮތަށް ބަދަލުވާން ޖެހޭނެ ކަމަށެވެ.
އަދި ނޭނގުމުގެ ތެރެއިން ކަމަށްވިޔަސް މިނުރައްކާތެރި ފަސާދަކުރަނިވި މަލްޓިޕާޓީ ޑިމޮކްރަސީ ސިސްޓަމް ނުވަތަ ޤަބީލާވަންތަ ކަމުގެ ސިސްޓަމް ތަޢާރަފް ކުރެއްވުމަށް މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުން ދިވެހި ރައްޔިތުންގެ ކިބައިން މަޢާފަށް އެދެން ނުޖެހޭނެ ބާއޭ ޝައިޚްގެ ހިތްޕުޅަށް އަރާވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
"އެހާ ނުރައްކާތެރި ކަމެއް އޮތީ ކުރެވިފައި. ކޮންމެ މަޤްޞަދެއްގައި ނަމަވެސް އަޅުގަނޑަށް އެމީހުން ތެރޭގައި އުޅެވުނު ކަމަށްޓަކައި އަޅުގަނޑު ރައްޔިތުންގެ ކިބައިން މަޢާފަށް އެދެން." ޝައިޚް ވިދާޅުވިއެވެ.
ޝައިޚް ބީއޭ ނަސީމްގެ ވާހަކަކޮޅު
ޝައިޚް ވިދާޅުވީ ރޭޑިއޯ އެޓޯލް މެދުވެރިކޮށް ފިޔަވައި ޝައިޚްގެ އަޑު ރައްޔިތުންނަށް އިއްވޭނެ މާބޮޑު ގޮތެއް ނެތް ކަމަށާއި، އެމީހުންގެ ތެރޭގައި ޝައިޚް އުޅެން ޖެހުނު ސަބަބު މިދިޔަ މަހު ރޭޑިއޯ އެޓޯލް އިން ކޮށްފައިވާ އިންޓަވިއުއެއްގައި ބަޔާންކޮށް ދެއްވާފައިވާނެ ކަމަށެވެ.
އިތުރަށް ވާހަކަފުޅުދައްކަވަމުން ޝައިޚް ވިދާޅުވި ގޮތުގައި ކަންތައްތައް ރަނގަޅުކުރެވޭނީ އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތާ ވެރިއަކު އަޅުގަނޑުމެންނަށް ﷲ މިންވަރު ކުރެއްވި ދުވަހަކު އެވެ. އަދި އަޅުގަނޑުމެން މަސައްކަތްކުރަން ޖެހޭނީ ﷲ އަށް ދުޢާކޮށް އިސްލާމީ ވެރިކަމުގެ ނިޒާމެއް ގެނެވޭތޯ ކަމަށް ޝައިޚް ވިދާޅުވިއެވެ. އިސްލާމީ ވެރިކަމުގެ ނިޒާމް މާޒީގައި އެތައް ޤަރުނެއް ވަންދެން އޮތް ކަމާއި އެދުވަސްވަރަކީ މުޅި ދުނިޔެއަށް އުފާވެރިކަމާއި ބާއްޖަވެރިކަމާއި ޢަދުލުއިންޞާފް ފެތުރިގެން ދިޔަ ދުވަސްވަރެއްކަން ޝައިޚް ބަޔާންކުރެއްވިއެވެ.
ޝައިޚް ބީއޭ ނަސީމް ވަނީ މީގެ ކުރިން އެމް.ޑީ.ޕީގެ އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސްކަން ކުރައްވާފައެވެ. ޝައިޚް އެޕާޓީން ވަކިވެ ވަޑައިގެންނެވީ އެޕާޓީގެ ކަމާބެހޭ ފަރާތްތަކުން އިސްލާމްދީނުގެ ހަމަތަކާއި ޚިލާފަށް، މުޖްތަމަޢަށް ނުރައްކާތެރިގޮތެއްގައި ތަޢުލީމީ ނިޒާމް ރާވައި ތަންފީޛްކުރަމުންދާތީ އެކަމާމެދު ހިތްޕުޅުހަމަނުޖެހިގެންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...