ރާއްޖޭގެ ޚަބަރު ހުޅަނގުގެ ތިއަރީތައް ބޭނުންކޮށްގެން މަސްތުވާތަކެތީގެ މައްސަލަ އަށް ޙައްލެއް ނުލިބޭނެ ކަމަށް ޗެލެންޖް ކުރަން : ޝައިޚް އިލްޔާސް ޙުސައިން

ހުޅަނގުގެ ތިއަރީތައް ބޭނުންކޮށްގެން މަސްތުވާތަކެތީގެ މައްސަލަ އަށް ޙައްލެއް ނުލިބޭނެ ކަމަށް ޗެލެންޖް ކުރަން : ޝައިޚް އިލްޔާސް ޙުސައިން

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

ރޭ އާޓިފިޝަލް ބީޗްގައި ޝައިޚް އިލްޔާސް ޙުސައިން ދަރުސް ދެއްވަނީ - ފޮޓޯ : ވަސީމް - ދިއިސްލާމް / ލިޔުނީ : ޙަސަން ޝިޔާޒް

ހުޅަނގުގެ ތިއަރީތައް ބޭނުންކޮށްގެން މަސްތުވާތަކެތީގެ މައްސަލަ އަށް ޙައްލެއް ނުލިބޭނެ ކަމަށް ޗެލެންޖް ކުރައްވާ ކަމުގައި ޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.

ޝައިޚް މިހެން ވިދާޅުވީ ރޭ އާޓިފިޝަލް ބީޗްގައި ސޮސައިޓީ ފޯރ ވިމެން އެގެއިންސްޓް ޑްރަގްސް (ސްވަޑް) އިން އިސްނަގައިގެން ޑިޕާޓްމަންޓް އޮފް ޑްރަގް ޕްރިވެންޝަން އެންޑް ރިހެބިލިޓޭޝަން ސަރވިސަސް (ޑީ.ޑީ.ޕީ.އާރު.އެސް) އާއި އިސްލާމިކް މިނިސްޓްރީގެ އެހީތެރިކަމާއެކު "ޙަޤީޤީ އުފާ ލިބެނިވި މަގަކީ..." މިމައުޟޫއަށް ބޭއްވި ދަރުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝައިޚް ވިދާޅުވީ ސައްތައިން ސައްތަ މުސްލިމް ކަމަށް ދަޢުވާ ކުރާ މި މުޖްތަމަޢުގައި މަސްތުވާތަކެތީގެ ވަބާ ފަދަ ނޭދެވޭ ކަންތައްތައް ފެތުރިގެން އަތްނުފޯރާ ހިސާބަށް ދާނަމަ އެއީ އަޅުގަނޑުމެންގެ އީމާންތެރިކަން ބަލިކަށިވެފައިވާ ކަމުގެ އަލާމާތެއް ކަމަށެވެ. އަދި ބައިނަލްއަޤްވާމީ ގޮތުން މަސްތުވާތަކެއްޗާއި ދެކޮޅަށް ހަނގުރާމަކުރާ ދުވަހެއް ފާހަނގަކުރިއަސް މިމައްސަލައަށް ޙައްލެއް ނުލިބޭނެ ކަމަށާއި، ހަމައެކަނި ރަސްމުތަކެއް ޢަދާކޮށްގެން ފައިދާ އެއް ނުކުރާނެ ކަމަށް ޝައިޚް ވިދާޅުވިއެވެ.

ޝައިޚް ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާ ކުރުމަށްޓަކައި ސެންޓަރުތަކެއްވެސް ހަދާފައިވާ ކަމަށާއި، ނަމަވެސް އެއީވެސް ރަސްމު ޢަދާކުރުމަށްޓަކައި ކަމަށެވެ. އަދި އެއީ ޢަދާވާތްތެރިން ދައްކާ މަގުން ހިނގުމަށްޓަކައި، އެމީހުން އަތުން މަދުރުފިޔާ ކޮޅެއް ހޯދުމަށްޓަކައި ހަދާފައިވާ ތަންތަން ކަމަށް ޝައިޚް ވިދާޅުވިއެވެ. އެ ސެންޓަރުތަކުން މަސައްކަތްކުރަނީ އެތިކޮޅުން އެތިކޮޅުން ދެމުން ދެމުން ގޮސް ޙައްލުކުރަން ކަމަށާއި، މައްސަލަ ޙައްލުނުވެގެން އުޅެނީ އިސްލާމީ އުޞޫލްތަކާ އެއްގޮތަށް ޢަމަލު ނުކުރާތީ ކަމަށް ޝައިޚް ވިދާޅުވިއެވެ. އަދި ﷲ ޙަރާމް ކުރައްވާފައިވާ އެއްޗަކުން އެއްގޮތަކަށްވެސް ފަރުވާއެއް ނުލިބޭނެ ކަމާއި، އެތަކެތީގެ މަދުމިންވަރުވެސް ޙަރާމް ކަން ދަނެ ބޭނުންކުރުން އެކީ އެކައްޗަކަށް ހުއްޓާލައިގެން ނޫނީ ޙައްލެއް ނުލިބޭނެ ކަން ބަޔާންކޮށްދެއްވިއެވެ.

"އަޅުގަނޑުމެންގެ ޢަދާވާތްތެރިންނާ އަޅުގަނޑުމެން ސެންޓަރުތަކެއް ޙަވާލުކުރީ. ދެން ހަމައެކަނި ރަސްމު ޢަދާކޮށްލަން އަޅުގަނޑުމެން މިފަދަ ޖަލްސާ ބާއްވާ ވާހަކަދެއްކީމަ ހުރިހާ ކަމެއް ފުދުނީތޯ؟ ނުފުދޭނެ. އެކަމަށްޓަކައި އަޅުގަނޑުމެން ޖެހޭނެ އިސްލާމްދީނުގައި ކަނޑައެޅިފައިވާ މި އުޞޫލްތަކުގައި ހިފަން. ނުހިފައިފިނަމަ އަޅުގަނޑުމެންނަށް ފައިދާ އެއް ނުކުރާނެ. މި ރަސްމު ޢަދާކޮށްގެން އަދި ފައިދާ އެއް ނުކުރާނެ. ޖެހޭނީ އެންމެންވެސް ޙަޤީޤަތާމެދު ވިސްނާ ފިކުރު ކުރަން." ޝައިޚް ވިދާޅުވިއެވެ.

ބަނގުރަލާއި، މަސްތުވާތަކެއްޗާ ދުރުވުމަށް ﷲ އަމުރު ކުރައްވާފައިވާ ވަހީ ބަސްފުޅުތަކާއި، ރަސުލުﷲ ޞައްލަﷲ އަލައިހިވަސައްލަމްގެ ޙަދީޘްފުޅުތަކުގެ އަލީގައި ޝައިޚް ވާހަކަފުޅުދެއްކެވިއެވެ.

ބަނގުރަލަށް ތަފާތު ނަންތައް ދީގެން ބޭނުންކުރާނެ ކަމަށާއި އެބައިމީހުންގެ ސިފައެއް ކަމުގައި ލަވައާއި މިއުޒކް ކުޅޭނެ ކަން ޙަދީޘްގެ އަލީގައި ޝައިޚް ބަޔާންކޮށްދެއްވިއެވެ. މިއުޒިކާއި ލަވައަކީ މަސްތުވާތަކެއްޗާ ގުޅިލާމެހިފާއިވާ އެއްޗެހި ކަން ޝައިޚް ބަޔާންކޮށްދެއްވިއެވެ. އަދި އެފަދަ މީހުން އެކަންތައްތައް ޢާއްމުކޮށް ކުރަން ފަށައިފި ނަމަ ބިންގަނޑުގެ އަޑިއަށް ގެންބެވުމާއި، އެބައިމީހުންގެ ތެރެއިން ބައެއް މީހުން އޫރުންނަށާއި ރާމާމަކުނުތަކުގެ ސިފައަށް ބަދަލުކުރައްވާނެ ކަން ޙަދީޘްގެ އަލީގައި ޝައިޚް ބަޔާންކުރެއްވިއެވެ. މީގެ އިތުރުންވެސް މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ޤުރުއާނާއި ސުންނަތުގައި އައިސްފައިވާ ވަޢީދުގެ ބަސްފުޅުތައް ޝައިޚް ހަނދާންކޮށްދެއްވިއެވެ.

ދުނިޔޭގެ ހުރިހާ ދިރާސާތަކުން ދައްކާ ގޮތުގައި ޑްރަގަކީ ހިކިއެއްޗަކަސް، ދިޔާއެއްޗަކަސް، ސިރިންޖުގެ ޒަރީޢާއިން ބޭނުންކުރާ އެއްޗަކަށް ވިޔަސް ބަނގުރަލަށްވުރެ ނުރައްކާތެރި އެއްޗެއްކަން ޝައިޚް ވިދާޅުވިއެވެ. ޝައިޚް ވިދާޅުވީ މުޖްތަމަޢުގައި ހިނގާ ހުރިހާ ބޮޑެތި ކުށްތަކާއި ޖަރީމާތަކުގެ އަޞްލަކީ މަސްތުވާތަކެތި ކަމަށެވެ. އަދި މުޖްތަމަޢުގައި މިއަދު ދިވެހި އަންހެން ދަރިން ވެސް އެވަބާގައި ޖެހިފައިވާ ކަމަށާއި، ޒިނޭގެ ފާފައަށް އަރައިގަނެ، ދަރިން ވިހާ މަރާލާފައި އެއްލާލަމުންދާތަން ފެންނަނީ އޭގެ ނަތީޖާއެއްގެ ގޮތުން ކަމަށް ޝައިޚް ވިދާޅުވިއެވެ.

ޝައިޚް ވިދާޅުވީ އެވަބާގައި ޖެހިފައިވާ މީހުންނަށް އަނބުރާ މުޖްތަމަޢަށް އާދެވޭނެ ކަމަށެވެ. އެމީހުން ދާ މިސްރާބު ގޯހީ ކަމަށާއި، އެމިސްރާބް ރަނަގަޅުކޮށްލާއިރަށް މުޖްތަމަޢަށް އާދެވޭނެ ކަމަށެވެ. "ކީއްވެތޯ ނާދެވެންވީ؟ އަޅުގަނޑުމެންނަކީ ބަނގުރަލުގެ ތެރޭ މަސްތުވާތަކެތީގެ ތެރޭ އުފަންވި ބައެއް ނޫނޭ. ބޭރުން އައިސް ޖެހުނު ވަބާއެކޭ. މިވަބާއިން ސަލާމަތްވުމަށް މާފަސޭހަ ވާނޭ. ނަމަވެސް ޝަރުޠަކީ އިޚްލާޞްތެރި ނިޔަތަކާއެކު އެކަމާ ދުރަށް ދިއުން." ޝައިޚް ވިދާޅުވިއެވެ.

އެވަބާގެ ޙައްލު އޮތީ އިސްލާމް ދީނުގައި ކަން ޝައިޚް ބަޔާންކޮށްދެއްވިއެވެ. އެވަބާގައި ޖެހިފައިވާ މީހުންނަށް ﷲ ގެ ދަރުބާރާ ގުޅުމަށް ޝައިޚް ގޮވާލެއްވިއެވެ. ދުނިޔެ މަތީގައި ޖަލުގައްޔާއި ސެންޓަރުތަކުގައްޔާއި އެކި ތަންތަނުގައި ކުށްކުރާމީހުންގެ ކުށުގެ ރެކޯޑް ދާއިމަށް ލިޔެވިފައި އޮތްކަމުގައިވިޔަސް، އިލާހީ ދަރުބާރުގައި ތައުބާގެ ދޮރު ހުޅުވިފައިވާ ކަމަށާއި، ތައުބާވުމުން ﷲ ޞުބްހާނަހޫ ވަތައާލާ އެފާފަ ފުއްސަވާނެ ކަން ޝައިޚް ބަޔާން ކުރެއްވިއެވެ.

ޝައިޚް ވިދާޅުވީ އެނުބައި ކަންތަކުން އެއްކޮށް ސަލާމަތްވުމަށްޓަކައި އެތަކެތި ބޭނުންކުރާ މީހުންނާ ހުރިހާ ގޮތަކުން ގުޅުން ކަނޑާލަން ޖެހޭނެ ކަމަށާއި ސަބަބަކީ އަނެއްކާވެސް އަނދަވަޅަކަށް ވެއްޓިދާނެތީ ކަމަށެވެ. އަދި ސިނގެރެޓް ބުއިން ފަދަ ނުބައި ކަންތައްތައް އެއްކޮށް ހުއްޓާލަން ޖެހޭނެ ކަން ޝައިޚް ބަޔާންކޮށްދެއްވިއެވެ. ފައިސާގެ ތަނަވަސްކަމާއި، ހުސްވަޤުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ޝައިޚް ނަޞީހަތްތެރިވިއެވެ.

މަސްތުވުމުގެ ވަބާ އިން ސަލާމަތްވުމަށްޓަކައި އީމާންކަން ވަރުގަދަ ކުރަން މަސައްކަތްކުރުމާއި، އާޚިރަތް ދުވަހަށް އީމާންވުމާއި، މަރުވުމަށްފަހު އަލުން ދިރުއްވޭނެ ކަމާއި، ހިސާބު ބެއްލެވޭނެ ކަމާއ، ނަރަކަ އާއި ސުވަރުގެ އަށް އީމާންވުމުގެ މުޙިންމުކަން ޝައިޚް ކިޔައިދެއްވިއެވެ. އަދި ދަރިންނަށް ތަރުބިއްޔަތު ދިނުމުގައި މައިންބަފައިން އިޙްމާލްނުވުމަށް ޝައިޚް ނަޞީހަތްތެރިވިއެވެ.

ދަޢުލަތުގެ ކަމާބެހޭ ހުރިހާ މުއައްޞަޞާތަކަށާއި ސެންޓަރުތަކަށް ޝައިޚް ގޮވާލެއްވީ އެސެންޓަރުތަކުގައިވެސް އިސްލާމީ ތަޢުލީމް ގެންގުޅުއްވުމަށެވެ. އަދި ހުޅަނގުގެ މީހުންގެ ތިއަރީތައް ދޫކޮށްލުމަށާއި، އެމީހުންގެ އަތުން ލިބޭނެ މަދު ފައިސާ ކޮޅަކަށް އީމާންކަން ވިއްކާނުލުމަށް ޝައިޚް ގޮވާލެއްވިއެވެ.

ޝައިޚް ވިދާޅުވީ ހުޅަނގުގެ މީހުންގެ ތިއަރީތައް ބޭނުންކޮށްގެން މިމައްސަލަ އަށް ޙައްލެއް ނުލިބޭނެ ކަމަށެވެ.

"ނުވާނެ ޙައްލު. އަޑުގެ ކޮޅަށް މިބުނަނީ އަޅުގަނޑާ ޗެލެންޖް ކުރަން އަތުވެއްޖެނަމަ އަޅުގަނޑު މިހުރީ ޗެލެންޖް ކުރަން ތައްޔާރަށް. ނުވާނެ ޙައްލު." ޝައިޚް ޗެލެންޖް ކުރެއްވިއެވެ.

ވެރިންނަށް ޝައިޚް ގޮވާލެއްވީ މާއްދިއްޔަތުގެ ފައިދާ އަށްޓަކައި ޤައުމު ހަލާކުކޮށްނުލުމަށާއި، އިސްލާމީ ގިއުގަނޑުގެ ތެރޭގައި މަސައްކަތްކުރުމަށެވެ. މާއްދިއްޔަތަށްޓަކައި ދީން ދޫކޮށްލާ މީހުންނަށް ﷲ ގެ އިހާނެތި އަޛާބު ވާ ކަން ވިސްނެވުމަށް ޝައިޚް ހަނދާން ކޮށްދެއްވިއެވެ.

އަދި މުޖްތަމަޢުގެ އަމާންކަން ދެމެހެއްޓުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުމަށް ޝައިޚް އިލްތިމާސްކުރެއްވިއެވެ.

ރޭގެ ދަރުސް ގެ ބޮޑުބައެއް އެމް.އެން.ބީ.ސީ ވަން އަދި ރޭޑިއޯ އެޓޯލް 96 އެފް.އެމް އިން ލައިވްކޮށް ދުރަށް ފޮނުވާފައިވެއެވެ.

ޝައިޚް އިލްޔާސް ޙުސައިންގެ ރަސްމީ ވެބްސައިޓް

ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ދަރުސްގެ ތެރެއިން – ފޮޓޯ : ވަސީމް : ދިއިސްލާމް

ޓެގް

ދަރުސް ވީޑިއޯ ސްވަޑް ޝައިޚް އިލްޔާސް ޙުސައިން މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.