ރިޕޯޓް އަހަރެމެންނަށް ރީތިވަނީ އެމީހުންގެ ގޮތެވެ.

އަހަރެމެންނަށް ރީތިވަނީ އެމީހުންގެ ގޮތެވެ.

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: މަޙާޒު ޢަލީ

އިއްޔެގެ ނޫސްތައް ކިޔާލުމުން އެންމެ ފާހަގަކުރެވުނު އެއް ޚަބަރަކީ ރިސޯޓެއް ރީތިކުރުމަށް ދިވެއްސަކު ބޮޑެތި ބުދުތަކެއް އެތެރެކުރި ޚަބަރެވެ. މި ޚަބަރު ކިޔާލުމުން ރާއްޖެއިން ބޭރުން މީހުން ގެންނަ މިޒާތްޒާތުގެ ތަކެއްޗާއި ގުޅިގެން ކުރެވިފައިހުރި އެކި ދައްވާތަކާއި، ފެނިފައިވާ އެތަކެއް ތަޙްޤީޤުތަކެއް ޚިޔާލަށް އައެވެ. މިކަންކަން ހަނދާންވުމާއެކު ހިތަށް އެރިއެވެ. އަހަރެމެންގެ ރަސްމީ ދަޢްވާއަކީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމެކޭ ބުނާބުނުމެވެ. ނަމަވެސް މިހާދިސާތައް ހިތަށް އެރުމުން އުފެދުނު ސުވާލަކީ އިންސައްތައަކުން އަދަދެއް ދޭނަމަ، އަހަރެމެންގެ ތެރެއިން ކޮންމެ މީހެއްގެ އިސްލާންކަމަށް ދެވޭނީ ކޮން އަދަދެއް ބާވައެވެ.

ޒުވާން އަންހެންކުއްޖަކު ރާއްޖެއިން ބޭރުގައި އުޅެފައި ރާއްޖެ އެނބުރިއައިއިރު އިންޑިޔާ މީހުން އަޅުކަންކުރަން ގެންގުޅޭ ވައްތަރުގެ މަޝްހޫރު ބުދެއް ގެނައެވެ. މި ބުދުވީ ވަރަށް ވަރަށް ކުޑަ ބުދަކަށެވެ. ދައްވާ އުފުލާވަރަށްވުރެވެސް ކުޑަކަމަށްވިއެވެ. ދައްވާ އުފުލާ ފަރާތުން ބުދު ބަލާލަން ބޭނުންވެގެން ބުދު ބަލާލިއިރު ކަމުދާކަށް ނެތެވެ. އެއީ ފުދޭވަރެއްގެ ބޮޑު ބުދެކެވެ.  އަޅުކަންކުރަން ގެންގުޅޭ ވައްތަރުގެ ބުދެކެވެ. ގެނައިފަރާތުން ބުނަނީ ރައްޓެއްސަކު ހަދިޔާއަކަށް ދިން އެއްޗެއް ގެނައީ ކަމަށެވެ. އެހެން ނޫނަސް ފުލުހުންނާއި ސަރުކާރުގެ އިދާރާތަކުން މާ ބޮޑު ކަމަކަށް ހަދާކަމަށްވެސް ބުނަމުން ދިޔައެވެ. އަޅުގަނޑު ހިތަށް އެރިއެވެ. ގާނޫނު ބުދުގެ ސައިޒާއި ބައްޓަމެއް ނުދަނެއެވެ. ހަތަރު ބުރީގެ އިމާރާތަކަށްވުރެ ބޮޑެތި ބުދުތައް އިންޑިޔާގައި ހުރެއެވެ. އަދި ދެތިން ސެންޓިމީޓަރުގެ ކުދި ބުދުތައް އެގައުމުގެ ކުރޮޅިތަކުގައިވެސް ހުރެއެވެ. ކުރާނެ ކަމެއް ނެތެވެ. އަހަރެމެންނަށް ރީތީ އެމީހުންގެ ބުދު ހަދިޔާތަކެވެ.

އެހެން ހާދިސާއެކެވެ. ރާއްޖެއިން ބޭރުންއައި މީހަކު ގެނައީ ހުސް ފުޅިއެކެވެ. އެފުޅި ނުލާހިކު ރީތިވެގެންނެވެ. ކަސްޓަމް އޮފިސަރުން ބަލާފާސްކުރިއިރު ފުޅީގެ ފުލުގައި އެތިފޮދެއް އޮތެވެ. އެ އެތިފޮދުވީ ބަނގުރަލަށެވެ. މި ފަހަރު މުސްލިމު ދިވެއްސަކަށް ރީތިވީ އެމީހުންނަށް ރީތި ބައްޓަމަކަށް ހަދާފައިހުރި ބަނގުރާ ހުސްކުރި ފުޅިއެކެވެ. ފުޅީގެ ފުލުގައި އޮތީ ބަދުނަސީބު އެތިފޮދެކެވެ.

އަދިވެސް އެހެން ވާހަކައެކެވެ. ޒުވާން ފިރިހެން ކުއްޖަކު ރާއްޖެއިން ބޭރުންއައިއިރު ކަރުގައި އޮތީ ހެޔޮވަރުގެ ވިދުވަރުހުރި ސަލީބެކެވެ. ކަސްޓަމު އޮފިސަރުންގެ ލޯ މިފަހަރުވެސް އަޅައިގަތެވެ. ތަޙްޤީޤުކުރެވި ދަޢްވާ އުފުލުނެވެ. މިއަދުވެސް މި މައްސަލައިގެ ޝަރީޢަތް ކޯޓުގައި ހިނގަމުން އެބަދެއެވެ.

މި ނޫނަސް މަރިޖުއާނާ ފަތާއި، ދެ ޖިންސުގެ ޖިންސީ ގުނަވަން ސިފަކޮށްދޭގޮތަށް ހަދާފައި ހުންނަ އެކިއެކި ސާމާނުތަކާއި ބައިބްލްއާއި މިނޫނަސް ޒަމާނުއްސުރެ ރާއްޖެއަށް ގެނައުން މަނާތަކެތީގެ ޤާނޫނުގައި ގެނައުން މަނާތަކެތިކަމަށް ބުނާ ކިތަންމެ އެއްޗެއް ރާއްޖެއަށް އެތެރެކުރުމުގެ ތެރޭގައި ހިފެހެއްޓެއެވެ. އަދި ދޫވެފައި ހުންނަ އެއްޗެހި މުޖުތަމަޢުގެ ތެރެއިން ފެނެއެވެ.

އަޅުގަނޑުމެންގެ ދީނުގައިވާ ރީތި އަޚްލާޤީ މިންގަނޑުތައް ހިފެހެއްޓޭނަމަ، މިބާވަތުގެ ކަންތަކެއް ކުރިމަތި ނުވާނެއެވެ. ނަމަވެސް އަހަރެމެންނަށް ރީތިވަނީ އެމީހުންގެ ގޮތާއި ފޮތެވެ. އެމީހުންގެ ގޮތާއި ފޮތާއި އުޅުން އެއްގޮތްކުރުމުގެ ނަތީޖާއަކީ އެމީހުންގެ ތެރެއިން ވުންކަމަށް ސަލާމްލެއްވި ނަބިއްޔާ ހަދީޘްކުރައްވާފައިވެއެވެ.  رَسُولُ اللهِ صلَّى الله عليه وسلم ހަދީޘްކުރައްވަނީ : مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُم މާނައީ: "ބަޔަކާއި އެއްގޮތްވެއްޖެނަމަ އޭނާ ވަނީ އެބައިމިހުންގެ ތެރެއިންނެވެ." މިފަދއިންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.