26 މާރޗް 2010 ވީ ހުކުރު ދުވަހު އެމަނިކުފާނު ދެއްވި ރޭޑިއޯ ޚިޠާބުގައި ވަނީ އިސްލާމް ދީނާ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާ ޚިލާފުވެ ވަޑައިގެންފައެވެ.
އެމަނިކުފާނު ވިދާޅުވާގޮތުން ދީނީ ޢިލްމުވެރިން ދެއްވާ ދީނީ ތަޤްރީރުތަކުގައި އަންހެނުންގެ ޙައްޤުތައް ގެއްލޭގޮތަށް ނުވަތަ އެފަރާތްތަކުގެ ޙައްޤުތަކަށް އުނިކަން އަންނަހެން ވާހަކަތައް ބައްޓަންވަމުން ދާކަމަށާއި އަދި ސުވަރުގެޔާއި ނަރަކައިގެ ވާހަކަ ބަޔާންކުރާއިރު އަންހެނުންނާއި ބެހޭގޮތުން ދެކެވޭ ވާހަކަތަކަކީ ބައެއްފަރާތްތަކުން ހިތްހަމަ ނުޖެހޭ ކަމެއްކަމަށާއި އެފަދަ ވާހަކަތައް ހުއްޓުވައިދިނުމަށް އެމަނިކުފާނުގެ އަރިހުގައި ބައެއްފަރާތްތަކުން އެދިފައިވާކަމަށެވެ. ދިވެހިރާއްޖޭގައި ދީނުގެ ދުޝްމަނުން އުޅެމުން ދާތަނެއްގައި މިފަދަ ވާހަކައެއް ރައީސްގެ އަރިހުގައި ބަޔަކު ދައްކާފާނެއެވެ. އެހެންނަމަވެސް މިކަމަށް ތާއީދުކޮށް މަނިކުފާނު ވާހަކަފުޅު ދައްކަވައިގެން ނުވާނެއެވެ. މިއީ ވަރަށްބޮޑު ކުށެކެވެ. މިކަމުން ރައްޔިތުންގެ ކިބައިން މާފަށްއެދި ތައުބާވާން ޖެހޭނެއެވެ.
ދީނީ ޢިލްމުވެރިންގެ ވާހަކަފުޅުތަކުގައި މާތްﷲ އަށް އުރެދޭ މީހުނަށްހުރި އަޒާބުގެ ވާހަކަތައް ދެކެވޭއިރު އަންހެނާގެ އައުރައިގެ ވާހަކަދައްކަވާތީ މާތްﷲއަށް އުރެދޭ އަންހެނުން އެމަނިކުފާނުގެ އަރިހުގައި ޝަކުވާދައްނަވާ ވާހަކަވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ " އަޅުގަޑު ދަންނަވާވާހަކައަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިދީފައިވާއިރުގައި، އެއްބާވަތެއްގެ ޚިޔާލާތެއް އެއްބަޔަކު ފާހަގަ ކުރެއްވީމައ،ި އެކަމާ ނުރެހޭކަމަށްވަނީނަމަ އަޅުގަޑުގެ ނަޒަރުގައި އަޅުގަޑަށް ފެންނަފެނުމުގައި އެންމެ ބުއްދިވެރިގޮތަކަށްވާނީ އެއަނެއްޚިޔާލާތުވެސް ދެވަނަގޮތްވެސް ނުވަތަ އެހެންވިސްނުމެއްވެސް އަނެއްކާ އަލުން އަނބުރާ އެހެންބަޔަކު ހާމަކުރުމޭ. ރޭޑިއޯ އާއި ޓީވީ އާއި މީޑިއާގެ ޒަރީޢާއިން ހުރިހާވާހަކައެއްވެސް ރާއްޖޭގެ ހުރިހާ ގެއަކަށްވެސް ހުރިހާ ރައްޔިތުންނަކަށްވެސް އިވެމުން ދާނެ. އެއިގެ ތެރެއިން ރައްޔިތުން ޤަބޫލުކުރާ ރައްޔިތުން ޚިޔާރުކުރާން ބޭނުންވާ މަގަކަށް ރައްޔިތުން ދިރިއުޅެމުން މަސަކަތްކުރަމުން ދާނެ. އެހެންވީމާ އަޅުގަޑު ވަރަށްބޮޑަށްއެދެން ހުރިހާބޭފުޅުންވެސް ސުލްޙަވެރިކަމާ އަދި ބިރުދެއްކުމެއްނެތި އެއްވެސްހާލެއްގައި އަނިޔާގެމަގަށް ނުވަތަ ހަމަނުޖެހުމުގެ މަގަށް ކަންތައްގެންދާނެ ކަމުގެ ވާހަކަތަކާ ނުވަތަ ޚިޔާލާތާނުލާ ސާފުކޮށް ޚިޔާލުފާލުކުރުމުން އަދި އެބަޔަކުދެކޭގޮތް ވަރަށް ސަރީހަކޮށް ބަޔާންކުރަމުން ގެންދާނެކަމަށް. "
އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވަފައިވަނީ އެއްޚިޔާލާތު އެއްބަޔަކު ފާޅުކުރާއިރު އަނެއްޚިޔާލާތަށްވެސް ފުރުސަތު ދޭންޖެހޭނެކަމަށެވެ. މިޤައުމުގައި މިހާތަނަށް ފާޅުކުރެވެމުން މިދަނީ އިސްލާމްދިނުގެ ޚިޔާލާތެވެ. ނަމަވެސް އެމަނިކުފާނު މިހާރުއެވިދާޅުވާ އަނެއްޚިޔާލާތަކީ އިސްލާމްދީނާއި ދެކޮޅު ޚިޔާލާތެވެ. މާނައަކީ އެހެންދީންތަކުގެ ވާހަކަތައް ފެތުރުމަށް ރާއްޖޭގެ ރޭޑިއޯއާއި ޓީވީ ތަކުން ފުރުސަތުދޭންޖެހޭނެ ކަމުގައެވެ. އަދި އެއަޑުތަކަކީ ރާއްޖޭގެ ހުރިހާ ގެއަކަށްވެސް އިވެންޖެހޭނެ އަޑެއްކަމުގައެވެ. ރައީސް ނަޝީދު މާތްﷲ ގަންދެއްވައި ކުރެއްވިހުވަޔާއި ޚިލާފުވެ ވެވަޑައިގެން މިދެއްކެވި ވާހަކަފުޅުތަކަކީ ދިވެހިރައްޔިތުން ވިސްނާލަންޖެހޭނެ ކަމެކެވެ. އެމަނިކުފާނުގެ މަޤާމުގައި ހުންނެވުމުގެ ޤާނޫނީ ހައިސިއްޔަތާއިމެދު އަޅުގަޑުގެ ހިތުގައި ސުއާލުއުފެދެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...