ރާއްޖޭގެ ޚަބަރު ޣައްޒާގެ ޙިޞާރު ނައްތާލުމަށް ގޮވާލާ ބާއްވާ ޤައުމީ ބޮޑު އެއްވުން މާދަމާ އޮންނާނެ

ޣައްޒާގެ ޙިޞާރު ނައްތާލުމަށް ގޮވާލާ ބާއްވާ ޤައުމީ ބޮޑު އެއްވުން މާދަމާ އޮންނާނެ

ޣައްޒާގެ ޙިޞާރު ނައްތާލުމަށް ގޮވާލާ ބާއްވާ ޤައުމީ ބޮޑު އެއްވުން މާދަމާ އޮންނާނެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިސްރާއީލްގެ އިސްތިޢުމާރީ ސިފައިން ޢައްޒާ ހިސޯރުކޮށް އިންސާނިއްޔަތާ ހިލާފަށް ހިންގަމުންގެންދާ ޖަރީމާތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ 44 ޤައުމެއް ގުޅިގެން ފަށާފައިވާ "ގްލޯބަލް ސުމޫދް ފްލޮޓިއްލާ" ހަރަކާތުގެ ދަށުން ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި ބޮޑު އެއްވުމެއް މާދަމާ ބޭއްވުމަށް ވަނީ ނިންމާފައެވެ.

މި ބޮޑު އެއްވުން މާލެއާއި އަތޮޅުތަކުގެ ރަށްތަކުގައި އެއް ވަގުތެއްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، މާލޭގައި މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ މާފަންނު ސްޓޭޑިއަމްގައި ހަވީރު 4:00 ގައެވެ. އެއްވުން އިންތިޒާމްކުރާ ސްޓިއަރިން ކޮމިޓީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އެއްވުން ރާއްޖޭގެ މީހުން ދިރިއުޅޭ 50 އަށްވުރެ ގިނަ ރަށުގައި އެއް ވަގުތެއްގައި ކުރިއަށްދާނެއެވެ.

މި ބޮޑު އެއްވުން އިންތިޒާމްކުރަނީ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިސްވެ އޮވެ އެކުލަވާލާފައިވާ ސްޓިއަރިން ކޮމިޓީއަކުންނެވެ. މި ކޮމިޓީގައި ރާއްޖޭގެ މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، އެކިއެކި ކުންފުނިތަކާއި މުއައްސަސާތަކުގެ އިތުރުން އާންމު ރައްޔިތުން ހިމެނެއެވެ. އަދި މި ހަރަކާތުގައި ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް ބައިވެރިވެވޭނެއެވެ.

އެއްވުން އިންތިޒާމްކުރާ ކޮމިޓީން ހާމަކުރެއްވި ގޮތުގައި، ރާއްޖޭގައި މި އެއްވުން ކުރިއަށްދާއިރު ހަމަ އެދުވަހު އިތުރު 5 ޤައުމެއްގައިވެސް މިފަދަ ހަރަކާތްތައް ކުރިއަށްގެންދާނެއެވެ. މި ހަރަކާތަކީ ޢައްޒާގެ މުސްލިމުންނަށް ޔަހޫދީންގެ އިސްތިޢުމާރީ ސިފައިންގެ ފަރާތުން ކުރިމަތިވަމުންދާ އިންސާނިއްޔަތާ ޚިލާފު ޢަމަލުތައް ކުށްވެރިކޮށް، ޣައްޒާގެ ރައްޔިތުން އުޅެމުންދާ ނިކަމެތި ހާލަތު އަންގައިދިނުމަށް ކުރިއަށްދާ ސުލްޙަވެރި ހަރަކާތެކެވެ.

"ގްލޯބަލް ސުމޫދް ފްލޮޓިއްލާ" މޫވްމަންޓުން ވަނީ ޣައްޒާ އަޅުވެތިކުރުމާ ދެކޮޅަށް މިހާތަނަށް ގިނަ ހަރަކާތްތަކެއް އެކި ޤައުމުތަކުގައި ކުރިއަށްގެންގޮސްފައެވެ. އަދި މި މޫވްމަންޓުން ވަނީ މިހިނގާ އޮގަސްޓް އަދި ސެޕްޓެމްބަރު މަހުގައިވެސް އިތުރު ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް ރާއްޖޭގައި އެ މޫވްމަންޓް ތަމްސީލްކުރާ އައިއޭސީން މަޢުލޫމާތު ދީފައިވެއެވެ.

ޓެގް

އައިއޭސީ ޣައްޒާ ފަލަސްޠީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.