ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިން ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން 13 ޖުލައި 2025 ގައި ކުރި އިޢުލާނުގައި ބުނެފައި ވަނީ، ކީރިތި ޤުރްއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިން ރަޖިސްޓްރީކުރުން 17 އޮގަސްޓް 2025 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. މުބާރާތުގައި ބައިވެރިން ރަޖިސްޓްރީ ކުރަން ހަމަޖެހިފައިވަނީ ވަންގަވް މެދުވެރިކޮށެވެ.
މި އަހަރުގެ ޤުރްއާން މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 18 ގައެވެ. މި މުބާރާތް އިންތިޒާމުކޮށްފައިވަނީ މައިގަނޑު ތިން ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދާ ގޮތަށެވެ. އެއީ ޙާފިޠުންނަށް ޚާއްޞަ ބަޔާއި، ސްކޫލު ދަރިވަރުންގެ ބަޔާއި މުއައްސަސާތަކުގެ ބައެވެ.
ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ޢާންމުކޮށްފައިވާ ޤަވާޢިދުގައި ވާގޮތުގައި، ޙާފިޠުންގެ ބައިގައި ބައިވެރިވެވޭނީ މުޅި ޤުރްއާން ހިތުދަސްކޮށް، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ކިޔެވޭ ފަރާތްތަކަށެވެ. މި ބައިގައި މުއައްސަސާތަކުން ބޭނުންވާ އަދަދަކަށް ޙާފިޡުން ބައިވެރިކުރެވޭނެއެވެ. އަދި އެހެން ބައިތަކާ ޚިލާފަށް އަމިއްލަ ގޮތުން ވެސް މިބައިގައި ވާދަކުރެވޭނެއެވެ.
ސްކޫލު ދަރިވަރުންގެ ބައިގައި ބައިވެރިވެވޭނީ އެޑިޔުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީވެފައިވާ ސްކޫލުތަކުގެ ފައުންޑޭޝަން ސްޓޭޖުން ފެށިގެން ކީ ސްޓޭޖް 5 އާ ހަމައަށް ކިޔަވުންދާ ދަރިވަރުނންނަށެވެ. މުއައްސަސާތަކުގެ ބައިގައި ބައިވެރިވެވޭނީ ރަސްމީކޮށް ރަޖިސްޓްރީކޮށްގެން ޤުރްއާން ކިޔަވައިދޭ ތަންތަނަށެވެ. މީގެ ތެރޭގައި ޔުނިވަރސިޓީތަކާއި، ކޮލެޖްތަކާއި، އިންސްޓިޓިއުޓްތަކާއި، ޤުރްއާން ކުލާސްތަކާއި، އަދި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާތައް ހިމެނެއެވެ. މި ތަންތަނުގެ ނަމުގައި މުބާރާތުގައި ބައިވެރިކުރެވޭނީ، ޤައުމީ ޤުރްއާން މުބާރާތައް އިޢުލާން ކުރުމުގެ ތިން މަސް ކުރިން އެ ތަނެއްގައި ރަޖިސްޓްރީވެ ކިޔަވަމުންދާ ކުދިންނަށެވެ.
މީގެ އިތުރުން މުބާރާތް ކުރިއަށްދާނީ ތިން ގޮތްޕަކަށް ބަހާލައިގެނެވެ. އެއީ ބަލައިގެން ކިޔެވުމާއި، ނުބަލައި ކިޔެވުމާއި، ޙާފިޠުންގެ ގޮތްޕެވެ.
ސިޓީތަކުގެ ސްކޫލްތަކުގެ ތެރެއިން ކީ ސްޓޭޖް 1އާއި 2 އޮންނަ ސްކޫލެއް ނަމަ އެ ސްކޫލަކުން ޖުމްލަ 6 ދަރިވަރުންނަށް ބައިވެރިވެވެއެވެ. އެއީ ނުބަލައި ކިޔުމުގެ ބައިން 3 ދަރިވަރުންނާއި ބަލައިގެން ކިޔުމުގެ ބައިން 3 ދަރިވަރުންނެވެ. ސިޓީ ސްކޫލްތަކުން މުބާރާތުގައި ބައިވެރިވާނީ އެ ސްކޫލެއްގެ ދަރިވަރުންގެ މެދުގައި ބޭއްވިފައިވާ ސްކޫލް މުބާރާތުން ހޮވޭ ދަރިވަރުންނެވެ. ސިޓީ ސްކޫލްތައް ފިޔަވައި އެހެން ސްކޫލްތަކުން މި މުބާރާތުގައި ބައިވެރިވާނީ އަތޮޅު ސްކޫލްތަކުގެ މެދުގައި ބޭއްވިފައިވާ އަތޮޅު މުބާރާތުން ހޮވޭ ދަރިވަރުންނެވެ.
މިދިޔަ އަހަރުން ފެށިގެން މުބާރާތުގެ ފެންވަރު ރަނގަޅުކޮށް ބައިވެރިންނަށް ރަނގަޅު އިނާމުތަކެއް ލިބޭނެ މުބާރާތަކަށް ހެދުމަށް ސަރުކާރުން ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފައިވެއެވެ.
ބައިވެރިން ރަޖިސްޓްރީ ކުރާ ލިންކު: https://one.gov.mv/entities/CHQ
ކޮމެންޓް (0)
ލޯޑް ކުރަމުން...