މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އިސްލާމީ މަރުކަޒެއްގައި އިސްލާމީ ކުތުބުޚާނާތައް ޤާއިމުކުރެވިގެންދާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވެފައިވަނީ ސަލްމާން މިސްކިތުގައި އިސްލާމީ ކުތުބުޚާނާ ހުޅުވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ކުތުބުޚާނާތަކަކީ އިސްލާމީ ޙަޟާރަތް ކުރިއަރަދިއުމުގައި މުހިންމު ދައުރެއް އަދާކުރި ތަންތަނެވެ. އަދި މިހާރުގެ ސަރުކާރުން ރާއްޖޭގައި ވެސް މިފަދަ ކުތުބުޚާނާތައް ޤާއިމުކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ އެކި ކުތުބުޚާނާތަކުގައި ބެހެއްޓުމަށް 60،000 ފޮތް ހަދިޔާކުރުމުގެ ހުށަހެޅުމެއް ލިބި، އެކަމުގެ ރަސްމީ މުޢާމަލާތްތައް ނިމިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
މިސްކިތްތަކަށް ދިރުން ގެނައުމުގެ ގޮތުން ލައިބްރަރީތައް ގާއިމްކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ދީނީ ޢިލްމުވެރިންނާއި ދިވެހި އަދީބުންގެ އަގުހުރި ފޮތްތައް މި ލައިބްރަރީތަކަށް ހަދިޔާކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.
މިހާރުވެސް ހއ. ދިއްދޫ، ރ. އުނގޫފާރު އަދި ގދ. ތިނަދޫގައި އިސްލާމީ ކުތުބުޚާނާތައް ގާއިމްކުރުމުގެ މަސައްކަތް ވަނީ ފެށިފައެވެ. މީގެ ތެރެއިން ދިއްދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ފުރިހަމަކޮށް އަންނަ މަހު ހުޅުވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...