ކޮންމެ ރަމަޟާން މަހެއްގައި އިޒްރާއީލުން ފަލަސްޠީނަށް ޙަމަލާދެނީ ކީއްވެ ހެއްޔެވެ؟ ކޮންމެ އަހަރެއްގެ ވެސް މިދުވަސްވަރު ކުއްލިއަކަށް ނުރައްކާތެރިކަން އިތުރު ވަނީ ކީއްވެ ހެއްޔެވެ؟ މިސުވާލުގެ ތަކުގެ ޖަވާބު އެނގެން ބޭނުން ނަމަ، "ނަކްބާ"ގެ ވާހަކަ އަޑު އަހާށެވެ.
ނަކްބާއަކީ ކޮބާ؟
މީލާދީން އޮނަވިހި ސައްތަ އަށާޅީސް ވަނަ އަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހަކީ ފަލަޞްޠީނުގެ ބިމުގައި ދައުލަތެއްގެ ގޮތުގައި އިޒްރާއީލް ކަނޑާނެގުނު ދުވަހެވެ. އިޒްރާއީލް ދައުލަތެއްގެ ގޮތުގައި ވުޖޫދުވެގެން އައީ އަނިޔާވެރިކަމާއި ގަދަ ބާރާއެކުއެވެ. އެމީހުން ވުޖޫދު ވުމަށް، ފަލަސްޠީނުގެ ބިމުން އެބިމުގެ ޙައްޤު ރަށްވެހީންގެ ތެރެއިން އެތައް ލައްކަ ބަޔަކު ބޭރު ކުރިއެވެ. ޞަޙްޔޫނީ ޙަރަކާތުގެ ހުވަފެން ކަމުގައިވާ ޔަހޫދީންގެ ދަޢުލަތް އުފެއްދުމަށްޓަކައެވެ.
1947 އާއި 1949 އާ ދެމެދު ފަލަސްޠީނުގެ 1.9 މިލިޔަން ރަށްވެހީންގެ ތެރެއިން މަދުވެގެން 7.5 ލައްކަ މީހުން އެމީހުންގެ އަމިއްލަ ވަޠަނުން ބޭރުކޮށްލިއެވެ. ތާރީޚީ ފަލަސްޠީނުގެ ބިމުގެ 78 އިންސައްތަ ބިމުގެ މައްޗަށް އިޒްރާއީލުން ވެރިވެގަތެވެ. އެމީހުން ހިންގާފައިވާ 70 އަށް ވުރެ ގިނަ ޤަޠުލުޢާއްމުގައި 530 ރަށް ސުންނާފަތިކޮށް 15 ހާސް ރަށްވެހިން މަރާލިއެވެ. އަދި އޭގެ ކުންނަކަށް ހެދީ މެއި 15 ގައި އިޒްރާއީލުގެ ދައުލަތް އުފަންކުރުވުމެވެ. މިދުވަސް ފަލަސްޠީނުގެ ރައްޔިތުން ފާހަގަކުރަނީ "ނަކްބާ"ގެ ގޮތުގައެވެ. އާދެ، ބޮޑު މުޞީބާތެއް، ބަލާވެރިކަމެއް ގޮތުގައެވެ. އަދި މިއަދާ ހަމައަށް މި ހިނގި 70 އަހަރުގެ ކޮންމެ މެއި 15 ވަނަ ދުވަސް ފަލަސްޠީނު ރައްޔިތުން އަންނަނީ މި އަނިޔާވެރިކަމާ ދެކޮޅަށް ތެދުވުމުގެ އައު ހިތްވަރެއް ކަމުގައި ދެކެމުންނެވެ.
ނަކްބާގެ މުޞީބާތް ފެށުނީ ކިހިނެއް؟
އޮނަވިހި ސަތޭކަ އަށާޅީސް ވަނަ އަހަރުގެ މެއި 15 ގެ އަނިޔާވެރިކަމުގެ މޫތައް ވަނީ 19 ވަނަ ޤަރުނުގެ ފަހު ކޮޅުގައި އިރުމަތީ ޔޫރަޕުގައި އުފެދުނު ސަޙްޔޫނީ ސިޔާސީ ޙަރަކާތާ ގުޅިފައެވެ. މި ސަޙްޔޫނީ ނުވަތަ ޒަޔަނިސްޓް ވިސްނުމަކީ، ޔަހޫދީންނަކީ އެމީހުންނަށް ވަކި ދަޢުލަތެއް އޮންނަން ޖެހޭނެ ޤައުމެއް ނުވަތަ ނަސްލެއްކަމުގައި ދެކުމުގެ ވިސްނުމެވެ. އެހެންކަމާއެކު، 1882 ވަނަ އަހަރުން ފަށައިގެންވެސް، އިރުމަތީ ޔޫރަޕާއި އޭރުގެ ރޫސީވިލާތުގައި އުޅުނު ޔަހޫދީންގެ ތެރެއިން ގިނަ ބަޔަކު ފަލަސްޠީނަށް ހިޖުރަކުރަން ފެށިއެވެ. އެމީހުން ފަލަސްޠީނުގައި ވަޒަންވެރިވާން ފެށުމުގެ 2 ސަބަބެއް ހިމެނެއެވެ. އެއީ ޔަހޫދީންނާ ދެކޮޅަށް ރޫސީ އަމްބަރާތޫރާއި އިރުމަތީ ޔޫރަޕުގައި ފެށުނު އަނިޔާވެރި ޙަރަކާތްތަކާއި، އަދި ޔަހޫދީންގެ އަމިއްލަ ދައުލަތެއް މުޤައްދަސް ބިމުގައި އުފެދުމުގެ ބިލާހީ ގޮވާލުންތަކެވެ.
1896ގައި އޮސްޓްރިއާގެ މަޝްހޫރު ނޫސްވެރިއެއްކަމުގައިވާ ތިއޮޑޯ ހާޒްލް "ޔަހޫދީ ދައުލަތް" މިނަމުގައި ލިޔުމެއް ޝާއިޢުކުރިއެވެ. އޭނާގެ ވިސްނުމަކީ، އޭރު ޔަހޫދީންނަށް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކުރިމަތިވަމުންދިޔަ އަނިޔާވެރިކަމާއި، އެމީހުންނަށް އުޅެން ޖެހިފައިވާ ނިކަމެތިކަމުގެ ޙައްލަކީ އެމީހުންގެ އަމިއްލަ ޔަހޫދީ ދައުލަތެއް އޮތުންކަމުގައެވެ. މިލިޔުން ވެގެން ގޮސްފައިވަނީ ސަޙްޔޫނީ ސިޔާސީ ވިސްނުމުގެ ފިކުރީ ބިންގާކަމުގައެވެ.
ސަޙްޔޫނީ ވިސްނުމުގެ މުގުލުންކަމުގައި ބުނެވޭ މޭސްތިރިންގެ ތެރޭގައިވެސް، ޔަހޫދީ ދައުލަތެއް އުފައްދާނެ ތަނަކާ މެދު ފުރަތަމަ ޚިޔާލު ތަފާތުވެފައިވިއެވެ. އެޮތުން ޔަހޫދީންގެ ޤައުމު ކަނޑާނަގަންވީ އެފްރިކާގެ އޫޣަންދާ (ޔޫގަންޑާ)ގައިތޯ ނުވަތަ ދެކުނު އެމެރިކާގެ އާރޖެންޓީނާގައިތޯ މިއީ ސަޙްޔޫނީ ބައްޕައިންގެ ތެރޭގައި ކުރެވުނު ބަހުސެކެވެ. ނަމަވެސް އެންމެ ފަހުން އެންމެންނަށް އެއްބަސްވެވުނީ އެމީހުންގެ މުޤައްދަސް ފޮތުގައި މާތް ރަސްކަލާނގެ ޔަހޫދީންނަށް މުޤައްދަސް ބިމުން ދެއްވާނެ ކަމަށް ވަޢުދުވެވޮޑިގެންވީ ބިމުގައި ދަޢުލަތް ބިނާކުރުމުގެ ވިސްނުމަށެވެ.
އިރުމަތީ ޔޫރަޕުންނާއި ރޫސީ އަމްބަރާތޫރުން ޔަހޫދީ ރާޅުތައް ފަލަސްޠީނަށް ބިންދުމުގެ މާކުރިންވެސް ފަލަސްޠީނުގައި ޔަހޫދީން ދިރިއުޅެމުން ދިޔައެވެ. 1880ގެ އަހަރުތަކުގައި ފަލަސްޠީނު ޔަހޫދީންގެ ނިސްބަތަކީ އެޤައުމުގެ އާބާދީގެ 3 އިންސައްތައެވެ. ޔީޝޫވް ގެ ނަމުން މަޝްހޫރުވެފައިވާ މި ފަލަސްޠީނު ޔަހޫދީންނަކީ ޔަހޫދީ ދައުލަތެއް އުފެއްދުމުގެ ސަޙްޔޫނީ ވިސްނުމާ ދެކޮޅު ބައެކެވެ.
1914 ގައި ޢުޘްމާނީ ޚިލާފަތް އުވިގެން ދިޔުމާއެކު ފަލަސްޠީނުގެ ޙައްޤުވެރި ބެލެނިވެރި ފަރާތެއް ގެއްލިގެން ދިޔައެވެ. އޭގެ 2 އަހަރު ފަހުން 1916 ގައި އިނގިރޭސީންނާއި ފަރަންސޭސީންނަށް މުސްލިމް ދަޢުލަތްތައް ބައިއެޅުމަށް ވެވުނު ސިއްރުވެރި މަކަރުވެރި ސައިކްސް-ޕިކޮޓް މުޢާހަދާގެ ދަށުން ފަލަސްޠީނު ބަނޑު އެޅީ އިނގިރޭސީންނެވެ. އެއާއި ޖެހިގެން އައި 1917 ވަނަ އަހަރު، އިނގިރޭސީން ބަލްފޯރ ޤަރާރު ނެރެ، ފަލަސްޠީނަކީ ޔަހޫދީންގެ ބިމެއްކަމުގައި ހިބައިން ދީފިއެވެ. އެމީހުންނަށް ދޭން ޙައްޤު ނޫން، އެމީހުންގެ މިލްކުގައި ނެތް ތަނެއް، އެތަނަށް ޙައްޤު ނޫން ބަޔަކަށް ބައި އަޅާ ނިންމާލައިފިއެވެ.
1922 އާއި 1935 އާ ދެމެދު ފަލަސްޠީނުގައި އުޅޭ ޔަޙޫދީންގެ އިންސައްތަ 9 އިން 27 އަށް އިތުރުވިއެވެ. އެއީ ފަލަސްޠީނުގު ޙައްޤުވެރި އެތައް ހާސް ބަޔަކު އެމީހުންގެ ގެދޮރުން ނެރެ މަގުމަތި ކޮށްލުމަށް ފަހުއެވެ. އެހެން ނަމަވެސް، 1933 އިން 1936އަށް ޖަރުމަނު ވިލާތުގެ ވެރިކަމަށް ނާޒީން އައުމާއެކު، އެޤައުމުގައި ޔަހޫދީންނަށް ކުރިމަތިވި އަނިޔާވެރިކަމަށް ފިލުމަށް 30،000 އާއި 60،000 އާ ދެމެދުގެ އަދަދެއްގެ ޔަހޫދީން ފަލަސްޠީނަށް އެރިއެވެ.
އިނގިރޭސީން މުގުލުގައި ތިބެގެން ޔަހޫދީން ލައްވާ މިކުޅޭ ކުޅިވަރުގެ ޙަޤީޤަތް އެނގިގެން، 1936 ގައި އިނގިރޭސީންނާ ދެކޮޅަށް ފަލަސްޠީނުގެ މުސްލިމުން ތެދުވާން ފެށިއެވެ. 3 އަހަރުގެ މުއްދަތަށް ދިޔަ މި ޙަރަކާތް އަނިޔާވެރިކަމާއެކު އިނގިރޭސީން މައިތިރި ކުރީ، 2000 އަށް ވުރެ ގިނަ ގެދޮރު ސުންނާފަތިކޮށް، 9000އަށް ވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ކޮށި ކޭމްޕުތަކަށް (ކޮންސެންޓްރޭޝަން ކޭމްޕްތަކަށް) ލައި އަނިޔާވެރިކަމާއެކު ހަރުކަށި ތަޙުޤީޤުތައް ކޮށް، ފަލަސްޠީނުގެ މި ޙަރަކާތުގެ އިސްމީހުންގެ ތެރެއިން 200 އަށްވުރެ ގިނަ ލީޑަރުން ޤައުމުން އަރުވާލުމަށްފަހުގައެވެ. މަދުވެގެން ފަލަސްޠީނުގެ ފިރިހެނުންގެ ތެރެއިން 10 އިންސައްތަ ފިރިހެނުންވަނީ އެ 3 އަހަރުގެ ތެރޭގައި އެކަނި މަރާލެވި ނުވަތަ އަނިޔާވެ، ނުވަތަ ޖަލަށްލެވި ނުވަތަ އަރުވާލެވިފައެވެ.
ޔަހޫދީންނާއި މުސްލިމުންނާދެމެދު މިފަދަ އިތުރު ހަމަނުޖެހުންތަކެއް ހިނގާފާނެތީ، ޔަހޫދީން ފަލަސްޠީނަށް ހިޖުރަކުރުން އިނގިރޭސީން ކުޑަކޮށް މަޑުޖައްސާލިއެވެ. މިކަމާ ބޮޑާ ހޭކުމުގެ ގޮތުން ހައްދު ފަހަނައެޅި ޔަހޫދީ ގޭންގުތަކުންވަނީ އިނގިރޭސި ސަރުކާރާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށްފައެވެ. އެމީހުންވަނީ އިނގިރޭސި ވިލާތުގައި އެކަނި ވެސް އެތައް އިރުހާބީ ހަމަލާތަކެއް ދީފައެވެ. އެގޮތުން ކިންގް ޑޭވިޑް ހޮޓަލުގައި 1946ގައި ދިން ޙަމަލާ ފާހަގަކުރެވެއެވެ. ހައްދު ފަހަނަ އެޅި ޔަހޫދީންގެ އުނދަގޫ ބޮޑުވުމުން، 1947ގައި އިނގިރޭސީން ފަލަސްޠީނުގެ މައްސަލާގައި ފައިސަލާކުރުމަށް އ.ދ އަށް ހުށައެޅިއެވެ. 1947 ނޮވެމްބަރު 29 ގައި އ.ދ އިންވަނީ ފަލަސްޠީނު ދެބައި ކޮށް ޔަހޫދީންނަށް ދައުލަތެއް އަދި ޢަރަބީންނަށް ދައުލަތެއް އޮންނަން ޖެހޭ ގޮތަށް ހުށައަޅާފައެވެ.
އޭރު ޔަހޫދީންގެ އަތުގައި އޮތީ ފަލަސްޠީނުގެ ބިމުގެ އެންމެ 6 އިންސައްތައެވެ. ނަމަވެސް އެ ހުށައެޅުމާއެކު، އެމީހުންނަށް ފަލަސްޠީނުގެ ބިމުން 55 އިންސައްތައަށް ވެރިވެ ގަތުމަށް މަގު ހުޅުވިގެން ދިޔައެވެ. އަދި އޭގައިވާ ގޮތުން އެންމެ މުޙިއްމު ގިނަ ރަށްރަށާއި ދަނޑުވެރިކަން ކުރާ މައިގަނޑު ސަރަޙައްދުތައްވެސް ޔަހޫދީންގެ އަތްމައްޗަށް ދާތީ ފަލަސްޠީނުގެ މުސްލިމުން އެ ނިންމުމާ އެއްބަހެއް ނުކިޔެވެ.
އ.ދ ގެ ހުށައެޅުމަށްފަހު، ޔަހޫދީންނާއި މުސްލިމުންނާދެމެދު އަނެއްކާވެސް ކުރިމަތިލުންތައް ހިނގާކަށް މާ ގިނައިރުތަކެއް ނުވިއެވެ. އިނގިރޭސީންނާއެކު އޭގެ 2 އަހަރު ކުރިއާ ހަމައަށް 2 ވަނަ ބޮޑު ހަނގުރާމާގައި ބައިވެރިވެ އިނގިރޭސީންގެ ހަނގުރާމައިގެ ތަމްރީނާއި ތަޖްރިބާ ލިބިގެން އައިސްތިބި ހަރުބީ ޔަހޫދީ ގޭންގުތަކުގެ ކައިރީގައި މުސްލިމުން ކަތިލެވެމުންދިޔައެވެ. ފަލަސްތީނުގެ ބިމުގެ ބައިތަކުގެ މައްޗަށް ޔަހޫދީން ހަތިޔާރާއެކު އަރާ ވެރިވެގަނެ، އ.ދ ގެ ނާއިންސާފު ހުށައެޅުން ޔަހޫދީ އަތްތަކުން ތަންފީޒުކުރީއެވެ. އިނގިރޭސީންގެ ސީދާ ބެލުމުގެ ކުރިމަތީގައެވެ.
1948، މެއި 15 ގައި ފަލަސްޠީނު ދޫކޮށްލާނެކަމަށް އިނގިރޭސީން އިޢުލާނުކުރިއެވެ. އެ ސުންގަޑީގެ 8 ގަޑިއިރު ކުރިން ޔަހޫދީ ދަޢުލަތެއް ޢިއުލާނުކުރެވުނެވެ. އެހެންކަމާއެކު މެއި 15 އަށް ގަޑި އެނބުރުނު އިރު، ފަލަސްތީނަކީ އިނގިރޭސީންގެ އަނިޔާވެރި ވަކިތަކުން ދޫކޮށްލެވި، ޔަހޫދީ ވަކިތަކުގެ ދަށަށް ދިޔަ ތަނެއްކަމުގައި ވެގެން ދިޔައެވެ. މިއީ ޔަހޫދީން ބުނާ ގޮތުގައި އެމީހުންގެ މިނިވަން ދުވަހެެވެ. ނަމަވެސް ފަލަސްޠީނުގެ ރައްޔިތުން މިދުވަސް ބަލަނީ "ނަކްބާ"ގެ ގޮތުގައެވެ. ބޮޑު މުޞީބާތެއް އަދި ބަލާވެރި ކާރިސާއެއް ކަމުގައެވެ. ކޮންމެ އަހަރަކުވެސް އިޒްރާއީލާ ދެކޮޅަށް މިދުވަހު ފަލަސްޠީނު ރައްޔިތުން އާ ހިތްވަރަކާއެކު ތެދުވެއެވެ. އެދުވަހަށް 50 އަހަރު ވީ ދުވަހު، 1998 މެއި 15 ގައި ފަލަސްޠީނުގެ އޭރުގެ ރައީސް ޔާސިރު ޢަރަފާތު ވަނީ އެދުވަހަކީ ފަލަސްޠީނުގެ ޤައުމީ ޒިކުރާގެ ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާފައެވެ.
ނަކްބާ ނިމިއްޖެ ހެއްޔެެވެ؟
ޔަހޫދީންނަށް އެމީހުންގެ ދައުލަތް އުފެއްދިއްޖެއެވެ. އެތައް ހާސް ފަލަސްޠީނުގެ ރައްޔިތެއް ޝަހީދުކޮށްލެވިއްޖެއެވެ. އެތައް ހާސް ބަޔަކު ގެދޮރުން ބޭރުކުރެވި ރެފިޔުޖީ ކުރެވިއްޖެއެވެ. ދެން މި ބަލާވެރިކަން ނިމުނީ ހެއްޔެވެ؟
1967 ގައި ކުރެވުނު ޢަރަބި-އިޒްރާއީލު ހަނގުރާމާގައި ޢަރަބީން ބަލިވުމާއެކު، ފަލަސްތީނުގެ ބާކީ އޮތް ބިމުގެ ތެރެއިން އިރުމަތީ ޤުދުސްއާއި ހުޅަނގު އައްސޭރިއާއި، ޣައްޒާގެ މައްޗަށްވެސް ޔަހޫދީން ވެރިވެ މިއަދާ ހަމައަށްވެސް އެތަންތަނަށް ބާރު ފޯރުވަމުން އެދަނީއެވެ. އ.ދގެ ހުށައެޅުމުގައި ޔަހޫދީންނަށް ތަބަކަށް ލާފައި ދިން 55 އިންސައްތަކަމަށް ވީއިރު، މިއަދު ޔަހޫދީން ދަނީ ފަލަސްޠީނުގެ 85 އިންސައްތަ އަށް އަތްގަދަކުރަމުންނެވެ. އެހަނގުރާމައަށް ފަހު، 430000 ފަލަސްޠީނު ރައްޔިތުން އަމިއްލަ ވަޒަނުން ބޭރުކޮށްލެވުނެވެ.
މިއަދުގެ ޙާލަތު
މިއަދުވެސް، އަޅުވެތިކުރެވިފައިވާ ހުޅަނގު އައްސޭރިއާއި، އިރުމަތީ ޤުދުސްގައި ދިރިއުޅޭ 3 މިލިޔަނަށް ވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުންނަށް މި ބަލާވެރިކަން ކޮްންމެ ދުވަހަކުވެސް ކުރިމަތިވަމުން އެބަދެއެވެ. އެމީހުންގެ ގެދޮރު ތަޅާލެވުމާއި، އެއްވެސް ސަބަބެއް ނެތި ހައްޔަރުކޮށް ޤައިދުކުރުމާއި، ފަލަސްޠީނު މީހުންގެ ދަނޑުބިންތައް ފޭރިގަނެވުން މިއީ ޢާއްމު އާދައެވެ.
ޣައްޒާގައި ދިރިއުޅޭ 2 މިލިޔަން ފަލަސްޠީނު ރައްޔިތުން އެތިބީ އިޒްރާއީލުގެ ޙިސާރެއްގައި ބަންދުވެފައި ތިބޭތާ 10 އަހަރަށްވުރެ ގިނަ ދުވަސްވެފައެވެ. ފުރާޅު ނެތް ބޮޑު ޖަލެއްގައި ދިރިއުޅޭހެން ޣައްޒާގެ ރައްޔިތުން ދިރިތެޅޭ އިރުވެސް، އިޒްރާއީލުން ކޮންމެ އަހަރަކު ޣައްޒާއާ ދެކޮޅަށް ޤަތުލުޢާއްމު ހިންގާ އެއީ އިންސާނުން ދިރިއުޅެން އެކަށީގެން ނުވާ ގޮނޑަކަށް ހަދައިފިއެވެ.
ދެން އޮތީ އިޒްރާއީލުގެ ދަށުގައި އޮތް ބިންތަކުގައި ދިރިއުޅޭ ފަލަސްޠީނު މީހުންގެ ވާހަކައެވެ. އިޒްރާއީލުގެ ދައުލަތުގައި ދިރިއުޅޭ 1.8 މިލިޔަން ފަލަސްޠީނު މީހުންނާ ދެކޮޅަށް ގެންގުޅޭ ނަސްލީ ތަފާތު ކުރުންތަކާއި، ޔަހޫދީންނަށް ނުވީތީ އެމީހުންނަށް ތަފާތުކުރެވޭ 50 މާއްދާ ޤާނޫނުގައި އޮންނަ ކަމަށް ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނެއެވެ. އެމީހުންވެސް ވަކި އުޅެނީކީ ޣައްޒާއާއި އިރުމަތީ ޤުދުސް އަދި ހުޅަނގު އައްސޭރީގެ ރައްޔިތުންނަށް ވުރެ މާ ސަހަލު ޙާލަތެއްގައި ނޫނެވެ.
މިއަދު އެމީހުންގެ ޙައްޤު ގެދޮރަށް އެނބުރި ނުދެވި ތިބި 7.98 މިލިޔަން ފަލަސްޠީނު ރައްޔިތުން އެބަ ތިއްބެވެ. މީގެ ތެރެއިން 6.14 މިލިޔަން މީހުން ތިބީ އަމިއްލަ ޤައުމުންވެސް ބޭރުކުރެވި، ބީރައްޓެހި ޤައުމުތަކުގައި އަރުވާލެވިފައެވެ. ނަކްބާއަށް މިއަދުވެސް ނިމުމެއް ނެތެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...